ޓޫރިސްޓުންގެ އަދަދު މި އަހަރު ފުރަތަމަ ފަހަރަށް ދަށަށް

މި މަހު ރާއްޖެއަށް އައި ޓޫރިސްޓުން މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ހަ ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މި މަހު މިހާތަނަށް އައީ 94،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 100،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
މިދިޔަ ހަތަރު މަހު ވެސް އެވްރެޖުކޮށް ރާއްޖެއަށް 170،000 ޓޫރިސްޓުން އައެވެ. އެހެންވެ މިއީ މިދިޔަ ހަތަރު މަހުގެ އެވްރެޖާ އަޅާބަލާއިރު ވުރެ 55 ޕަސެންޓުގެ ދަށްވުމެވެ. މިދިޔަ ހަތަރު މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ހުރީ މިދިޔަ އަހަރުގެ އަދަދުތަކާ އަޅާބަލާއިރު 10-30 ޕަސެންޓުން މަތީގަ އެވެ. މިއަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 15 ޕަސެންޓު އަދިވެސް އިތުރެވެ. މިހާތަނަށް ރާއްޖެއަށް ވަނީ 782،000 ޓޫރިސްޓުން ރާއްޖެއަށް އައިސްފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މެއި މަހުގެ އިތުރުން ޖޫން އަދި ޖުލައި މަހު ވެސް ރާއްޖެއަށް ޓޫރިސްޓުން އަންނަ ވަރު ދަށްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޓޫރިސްޓުން ދަށްވީ، އިންޑިއާގެ ބައެއް މަންޒިލްތަކުން އަންނަ ފްލައިޓުތަކުގެ އަދަދު ދަށްވުމުން ކަމަށް ބެލެވޭ ކަމަށެވެ.
އިންޑިއާގެ ގޯއެއާ އިން ކުރިން ރާއްޖެއަށް ދަތުރުކުރި ނަމަވެސް، މާލީ އުނދަގޫތަކާ ހެދި އެ އެއާލައިންގެ ދަތުރުތައް ވަނީ ރާއްޖެއަށް ދަތުރުކުރުން ހުއްޓާލައިފަ އެވެ.
ޓޫރިސްޓުން އައުން ދަށްވަމުން ދާތީ، އެކަމަށް ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ އެކު ޕްރޮމޯޝަންތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޓޫރިސްޓުން މަދުވި ނަމަވެސް، އޮގަސްޓު މަހުން ފެށިގެން އަނެއްކާ ވެސް އަދަދުތައް މަތިވާނެ ކަމަށެވެ.
”މަންތުލީ އެރައިވަލްސް މެއި، ޖޫން، ޖުލައިގައި ދަށްވިއަސް 2019 ވަނަ އަހަރަށް ވުރެ ރަނގަޅުވާނެ. ޓޫރިސްޓުންގެ އަދަދަށްވުރެ ބޮޑަށް އަޅުގަނޑުމެން މި ބަލަނީ ޓޫރިޒަމަށް މާލީ ގޮތުން ލިބޭ ކުރިއެރުމަށް. މަސް ނިމުނީމާ އެކަންކަން އެނގޭނެ،“ އޭނާ ވިދާޅުވި އެވެ.
މިއަހަރު ނިމޭ އިރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ. މިހާރު ޓޫރިސްޓުން އަންނަ އަދަދުތަކަށް ބަލާއިރު އަހަރު ނިމުމުގެ ކުރިން އެ އަދަދު ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.