ކުޅިވަރު

ތުހުމަތުވާ ދެ މީހުން ނައީމާގެ މަރަށް ފަހު ވެސް އުޅުނީ ހަމަޖެހިގެން ރަށުގައި!

ނ. މަނަދޫގައި ވަޅިހަރައި އަނިޔާވެރިކޮށް މަރާލި ނައިމާގެ މޫސާގެ ގާތިލް ނުފެނި، މުޅި ރަށް ހާސްކަމުގެ ތެރެއަށް ވެއްޓުނުއިރު ވެސް އެކަމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ ދެ ޒުވާނުންނަށް އެ ރަށުގައި ކަމެއް ވެގެން އުޅޭ ކަމަކަށް ނުދައްކަ އެވެ. ހައްޔަރުކުރުމާ ހަމައަށް ރަށު ތެރޭގައި އުޅުނީ ”ވަރަށް ހަމަޖެހިގެން، އެ މީހުންގެ ދުނިޔޭގަ“ އެވެ.

ފުލުހުން ހިންގަމުން އަންނަ އުނދަގޫ ތަހުގީގުގައި، ނައީމާގެ މަރުގެ ތުހުމަތަށް ހައްޔަރުކުރީ އަހްޒަމް އަބްދުއްޝަކޫރު ،23، އާއި ރިފާޝް 20، އެވެ. މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތު އޮތް ދެ މީހުންނެވެ.

ފުލުހުންގެ ޚާއްސަ ޓީމެއް މަނަދުއަށް ގޮސް މި ތަހުގީގު ހިންގާތާ ދެ މަސް ވަނީ އެވެ.

”ފުލުހުން ރަށު ތެރޭގައި އުޅުނު އިރު ވެސް ދެ މީހުން ވެސް އެކި ތަންތަނުގައި އެ މީހުންގެ ނޯމަލް ލައިފްގައި އުޅުނު. ޝައްކުވާ ފަދަ އެއްވެސް ކަމެއް ހިނގާފައެއް ނެތް،“

އެ މީހުންގެ ދުނިޔެ ކަމަށް ރަށުގެ ބައެއް މީހުން ސިފަކުރީ، ކުރިން އުޅުނު އެއްވެސް ގޮތަކަށް ބަދަލު ނުގެނެސް ހަމަޖެހިގެން ރަށުތެރޭގައި އުޅުމަށެވެ. އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ދެ މީހުން ވެސް ނުކުރެ އެވެ. ރަށުގެ މީހުންނާ މާބޮޑު ގުޅުމެއް ނޯންނައިރު، ދެ މީހުން ވާހަކަ ދައްކައިއުޅޭ ގްރޫޕެއް ރަށު ތެރޭގައި އޮވެ އެވެ. ދެ މީހުންނަކީ ވެސް މަސްތުވާތަކެއްޗަށް ”ގެއްލި ހުސްވެފައި“ ތިބި މީހުންނަށް ތުހުމަތު އޮވެ އެވެ.

އެކަމަކު ހައްޔަރުކުރުމާ ހަމައަށް ވެސް ދެ މީހުން އެކީގައި ރަށު ތެރޭގައި އުޅެނިކޮށް ނުފެންނަ ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަހްޒަމް އަބަދުވެސް ބޮޑަށް ފެންނަނީ އެކަނި އުޅޭ މީހެއްގެ ގޮތުގަ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތު އޮތަސް އާއްމުންނަށް އުނދަގޫކުރުން ފަދަ ކަމެއް ނުފެންނާތީ ކައުންސިލަށް މިހާތަނަށް ދެ މީހުންގެ ވެސް މައްސަލައެއް ހުށަހަޅާފައެއް ނެތެވެ.

”އެ ގްރޫޕް މީހުން އެއްކޮށް އުޅޭނެ. އެ ދުއްވި ކާރަކީ ވެސް އެ މީހުން ރަށުތެރޭގައި ގެންގުޅޭ އެއްޗެއް،“ މަނަދޫގެ އިތުބާރު ހިފޭ ބޭފުޅަކު ވިދާޅުވި އެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ މަރާލި ރޭ އެ ކާރުގައި ރަށު ތެރޭގައި ދުއްވި ކަމަށް ވެ އެވެ. ފުލުހުން ވަނީ ހައްޔަރުކުރި ދެ މީހުން ކާރަށް އަރުވައި ތަހުގީގަށް ބޭނުންވާ ކަންކަމާއި ހެކި ހޯދަން އެ ރޭގެ މަންޒަރު ކުޅުވާފައި ކަަމަށް ވެ އެވެ. ރަތް ކުލައިގެ ކާރު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންގޮސްފަ އެވެ.

ނައީމާ މަރާލި ކަމަށް ބެލެވެނީ އޭނާ ނިދާފައި އޮއްވައި ގޭތެރެއަށް ވަދެ އެވެ. ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވައި އޭނާ ފެނުނީ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ބަޔަކު ފުލުހުންނާ އެކު ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރު އޭޕްރީލް ހަތް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގުގައި ވަނީ 600 އަށް ވުރެ ގިނަ މީހުންގެ ފޮރެންސިކް ސާމްޕްލަ ނަގައިފަ އެވެ. އެއީ ކުށުގެ ވެށިން ލިބިފައިވާ ފޮރެންސިކް ހެއްކާ ގުޅުވާލެވޭ ހެކި ހޯދުމަށެވެ.

Back to top button