ޚަބަރުރިޕޯޓް

ދަރަނބޫދުއަށް ރީތި ބޮޑު ބަނދަރެއްގެ ނަސީބު

ދިރިއުޅޭ އާބާދީ ކިތައްމެ މަދުވިޔަސް، ފ. ދަރަނބޫދޫގައި މި ހުޅުވީ އެންމެ ރީތި އެއް ބަނދަރެވެ. މި ސަރަހައްދުގެ ރަށެއްގައި ހުޅުވި އެންމެ ބޮޑު އެއް ބަނދަރު ވެސް މެ އެވެ.

މި ރަށު މީހުން ބުނަނީ މިއީ އެތައް އަހަރެއްވީ، ބޮޑު ތަކުލީފެއްގެ ނިމުން ކަމަށެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ އާއި ޝުކުރު އަދާކުރުމަށް، އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭ މި ރަށުގެ އެންމެހެން ތިބީ ބަނދަރަށް ނުކުމެވެ. އެ އެންމެންގެ މޫނުމަތިން ވެސް ފެނުނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން، ދައުލަތުގެ ބަޖެޓުން 40.4 މިލިއަން ރުފިޔާ ހަރަދުކޮށް، މި ބަނދަރުގެ މަސައްކަތް ނިންމާލީ މިދިޔަ އަހަރު ކުރީކޮޅުގަ އެވެ. ރައީސް ފ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މި ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވީ އެވެ.

މި ބަނދަރު ހުޅުވުމުގެ ގޮތުން ދަރަނބޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ރަށު ކައުންސިލްގެ ރައީސް އަބްދުލްހަލީމް އާދަމް ވިދާޅުވީ، ސިޔާސީ ގޮތުން ނުފޫޒުގަދަ އެއްވެސް މީހެއް ނެތް ރަށަކަށް މި ސަރުކާރުން މިފަދަ ބޮޑު މަޝްރޫއެއް ހިންގައިދިނުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި މިއީ އެއްވެސް ރަށެއް ރައީސް ބާކީނުކުރައްވާނެ ކަން ޔަގީންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

”ރައްޔިތުން އުއްމީދުކުރި ވަރަށް ވުރެ ފުރިހަމަ ބަނދަރެއް ހެދިގެން މި ދިޔައީ،“ އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނަށް ދަރަނބޫދުއަށް ވަޑައިގެންނެވީ ވަރަށް ވިއްސާރަ، ކަނޑުގަދަ ދުވަހެއްގައި ކަމަށެވެ. އޭރު މި ރަށުގައި ރަނގަޅު ބަނދަރެއް ނެތުމުން ރަށަށް އަރައި ފޭބުމުގައި ރައްޔިތުން އުފުލާ ތަކުލީފު އިހުސާސްކުރެއްވުނު ކަމަށެވެ. އެހެންވެ، އެފަހަރު ރިޔާސީ ކެމްޕެއިންގައި މި ރަށުގައި ބަނދަރެއް އަޅައިދޭން ވައުދުވެވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Back to top button