ރިޕޯޓް

ޝަތޫ މިސްގެ 22 އަހަރު؛ އެންމެ ހާއްސައީ އެ ކުދިންނަށް

އަމީނިއްޔާ ސްކޫލުގެ ގޭޓުން އެތެރެއަށް ވަންއިރު ހިނިތުންވުމަކާއެކު ހިނގަމުން އައިސް ”މިހާރު“ގެ ނޫސްވެރިންނާ ސަލާމް ކޮށްލީ އެ ސްކޫލު ސެން ކުދިންގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަރިޔަމް ޝަތުރަތު ޝާކިރު (ޝަތޫ/ޝަތޫ މިސް) އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު 22 ވަނަ އަހަރު ގުނަމުންދާ ޝަތޫ އެދުނީ އެ ކުދިންނަށް ކިޔަވައި ދިނުމަށް ހާއްސަކޮށް، ގްރައުންޑް ފްލޯގައި ތައްޔާރުކޮށްފައިވާ ”ޑްރީމް ކްލާސް“ތަކަށް ވަދެ ބަލައިލުމަށެވެ. ޝަތޫގެ ފަހަތުން އަހަރެމެން ގޮސް ފުރަތަމަ ކްލާހުގެ ދޮރު ހުޅުވައިލައި ސަލާމް ބަލައިގަތުމަށްފަހު އެ ކްލާސް ތެރެއަށް ވަނީމެވެ.

ކުލާހަކަށް ވަދެވުނުއިރު އެ ކްލާހުގައި ތިބި ޓީޗަރުން ކުދިންނަށް ކާންދެމުންދެ އެވެ. ހަތަރު ކުދިން އިށީންދެ ތިބި އިރު ކޮންމެ ކުއްޖެއްގެ ދޭތެރޭގައި ޓީޗަރަކު އިށީންދެއިނދެ، ކުދިންނާ ވާހަކަ ދައްކަމުން ކާންދެމުންދިޔަ އެވެ. ޝަތޫ ވެސް ގޮސް އެ ކުދިންނާ ވާހަކަ ދައްކަން އިށީނެވެ.

ޖެހިގެން ހުރި ކްލާހަށް ވަތްއިރު ޓީޗަރަކު ކުއްޖަކު ލައްވައި ފޮތުގައި މަސައްކަތެއް ކުރުވަނީ އެވެ. އިތުރު ދެ ޓީޗަރަކު ކުއްޖަކު ރޯތީ ހުއްޓައި ނުލައިގެން އުޅެ އެވެ. އެއީ ސިވިއާ ކުދިންގެ ކްލާސް ނިންމުމަށްފަހު ދާ ގަޑިއަށް ވެފައި ބަލާއައުން ލަސްވުމުން ރޮނީ ކަމަށް ޓީޗަރު ބުންޏެވެ. އުނދަގުލުން ވެސް ބަހެއް ވެސް ނުބުނެވޭ އެ ކުއްޖާގެ ކޮންމެ ހަރަކާތެއް ޓީޗަރު ބަލަ އެވެ. ހުއްޓުވޭތޯ ޓީޗަރު ހުރިހާ މަސައްކަތެއް ކުރެ އެވެ.

އެ ކުދިންނާ އެކު ހޭދަވި 20 މިނެޓުން ޓީޗަރުން ވަމުންދާ ގުރުބާނީ ވަޒަނެއް ނުކުރެވޭނެ އެވެ. ރުޅިގަދަ ކުއްޖެއް ނަމަ ޖަހާ ފަހަރާއި ދަތް އަޅާ އެތައް ފަހަރެކެވެ. ކޮންމެ ކުއްޖެއް ކައިރީ ވަކިން ކިޔައިދޭ އިންނަން ޖެހެ އެވެ. އެތައް ފަހަރަކު އެކައްޗެއް ކިޔައިދެ އެވެ. ފޫހިކަމެއް ވަރުބަލި ކަމެއް އެ ޓީޗަރުންގެ މޫނު މަތިން ނުދައްކަ އެވެ.

”އެއީ ހަމަ ކޮންމެ ސްކޫލެއްގެ ޓީޗަރުން ވެސް އުޅޭނެ ގޮތް. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކިޔަވައިދޭ ނަމަ. ވަރަށް ބޮޑު ގުރުބާނީއެއް ޓީޗަރުން އެ ވަނީ ކުދިންނަށް. އެ ކުދިންގެ ބެލެނިވެރިން ވެސް ވަރަށް އަންޑަސްޓޭންޑިން. ވަރަށް ރަނގަޅުވާނެ،“ އިމާދުއްދީން ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމުގައި 15 އަހަރު ހޭދަ ކުރުމަށްފަހު މިހާރު އަމީނިއްޔާ ސްކޫލުގެ ސެން ކުދިންގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޝަތޫ ބުންޏެވެ.

Back to top button