ރިޕޯޓް

ސިޔާސީ ބޭފުޅުންގެ އަވާމެންދުރުގައި ނުޖެހޭ، ބާރު މިހާރު ތިޔަ ރައްޔިތުންގެ އަތުގައި!

ދިވެހި ރައްޔިތުންގެ މެދުގައި މިހާރު އެންމެ ހޫނުކޮށް ދެކެވެމުންދާ އެއްވާހަކައަކީ 5 އަހަރުގެ ދައުރެއް ދިނުމަށް އެންމެ ބޮޑަށް ކުފޫ ހަމަވަނީ ކޮން ބޭފުޅެއްތޯއެވެ. ވަގުތު ހަމަވި އިރު، ޖުމްލަ 8 ކެންޑިޑޭޓުން މިފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާއިރު، ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައެވެ.

އެގޮތުން، ކެންޑިޑޭޓު ނަމްބަރު އެކެއް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުއަށް ލިބުނު އިރު، ކެންޑިޑޭޓް ނަމްބަރު ދޭއް ލިބިވަޑައިންނެވީ އަމިއްލަ ގޮތުން މި އިންތިހާބަށް ކުރިމަތިލެއްވި ހަސަން ޒަމީލަށެވެ. ކެންޑިޑޭޓް ނަމްބަރު 3 ، އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިންނެވިއިރު، ކެންޑިޑޭޓް ނަމްބަރު 4 ލިބިވަޑައިންނެވީ ޕީއެންސީގެ ޑރ.މުހައްމަދު މުޢިއްޒުއަށެވެ. ކެންޑިޑޭޓް ނަމްބަރު 5 ލިބިވަޑައިންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އޮނަރަބަލް ގާސިމް އިބްރާހިމަށެވެ. ކެންޑިޑޭޓް ނަމްބަރު 6 ލިބިވަޑިގެންނެވީ އަހުމަދު ފާރިސް މައުމޫނަށެވެ. ކެންޑިޑޭޓް ނަމްބަރު 7 ޑިމޮކްރޭޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިންނެވިއިރު، ކެންޑިޑޭޓް ނަމްބަރު 8 ލިބިވަޑައިންނެވީ އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށެވެ.

ކޮންމެއަކަސް، ވޯޓު ކަރުދާހުގައި އެކި ފިކިރުތަކަށް ނިސްބަތްވާ ތަފާތު ބޭފުޅުންގެ ނަންތައް ހިމެނިވަޑައިންނަވާއިރު، އެތަނުން ދައުލަތް ހިންގުމަށް އެންމެ އެކަށޭނެ ބޭފުޅަކީ ކޮބައިކަން އިހްތިޔާރުކުރުމުގެ ބާރު މިހާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ފައިސާ ބޮނޑިބޮނޑިއަށް ދީ، ތިމަންނާއަށް ވޯޓު ލައި، ރައްޔިތުމީހާ ގުނބޯ ހައްދައި، ވޯޓު ހޯދަން ވޯޓު ސަލާންޖަހަން އަންނާނެ މީހުންވެސް ވާނެއެވެ. ނަމަވެސް، މިއީ ވަރަށްވެސް ވިސްނުންތެރިކަމާއި އެކު ރައްޔިތުން ގޮތެއް ނިންމަންވީ ފަހަރެކެވެ. ފުރަތަމަވެސް ކޮށްލަންވީ އަމިއްލަ ނަފުސާއި އެންމެ ސުވާލެކެވެ. ރާއްޖެ ކުރިޔަށް އޮތް ޖީލުތަކަށް ވާސިލުވާއިރު ތިޔަ ރައްޔިތުމީހާގެ ނަޒަރުގައި އޮންނާން ޖެހެނީ ކިހާ ހިސާބެއްގައި ތޯއެވެ. މިފަދަ ސުވާލެއް ކޮށްލަމުން، އިސްވެދެންނެވުނު 8 ބޭފުޅުންގެ ނަންތަކާއި ވަނަވަރު ހަނދުމަކޮށްލުންވެސް ރަނގަޅެވެ. ކޮންމެ ކެންޑިޑޭޓެއްގެ ތަފްސީލު ވަކިވަކިން ނުގެނެސް، ސީރިއަސް ކެންޑިޑޭޓުންނަށް އަލި އަޅުވައިލަމާތޯއެވެ.

އެންމެ ފުރަތަމަ، ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުޢިއްޒުއަށް ބަލާލާނަމެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ހައުސިންގ މިނިސްޓަރަކަށް ހުންނަވައި ގެނައި ތަރައްގީގެ އެކި ޕްރޮޖެކްޓުން އެތައް ފައިސާއަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އޮތް ބޭފުޅެކެވެ. ބްރިޖުގެ މަޝްރޫއުން، އެއް ލޭނު އުނިކޮށް އޭގެ ފައިސާ ނެންގެވިކަމުގެ ތުހުމަތު އޮތް ބޭފުޅެކެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު، ބޯހިޔާވަހިކަން ބޭނުންވެގެން ސަލާންޖެހި ރައްޔިތުމީހާ އެތައް ގަޑިއިރެއް މަގުތަކުގައި ބަހައްޓައި، އެ ފޯމުތައް އެއް ކޮޓަރިއަކަށް ލައި އޮޅުންބޮޅުން އަރުވާލީ ބޭފުޅާއެވެ. މިއަދު، ރައްޔިތުން އިންތިހާބަކަށް އެބޭފުޅާ ނިކުމެ އުޅުނަސް މިކަންކަން ހަނދާންއައުކޮށްލަން ޖެހެއެވެ. މާލޭސިޓީގެ މޭޔަރަކަށްވެ، ހިންގަވަމުންދާ ކޮރަޕްޝަންގެ ވާހަކައިގެ އިތުރަށް މާރުކޭޓުގެ ގޮޅިތަކާއި ޕާކިން ލޮޓުތައް ވިއްކާލި ގޮތުގެ ވާހަކައަކީވެސް، އެ ބޭފުޅެއްގެ ނަން ބުނުމުން ރައްޔިތުން ގަބޫލުކުރާނެ ކަންތައްތަކެވެ. މިކަމަށް ނުބެލިކަމުގައިވިޔަސް، މަނީ ލޯންޑްރިނގްގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ބޭފުޅަކު މިނިވަންކުރުމަކީ ވެރިކަމަށް އައުމުގެ މައިގަނޑު ބޭނުންކަމުގައި އެ ބޭފުޅާ ދައްކާކަން ރައްޔިތުން ހަގީގަތުގަވެސް ވިސްނާލަން ޖެހެއެވެ.

ދެންބަލާލަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އާދެ، ކޮވިޑްގެ ބަލިމަޑުކަން މުޅ ދުނިޔެއަށް ފެތުރި، ގައުމުތައް ފުނޑުފުނޑުވި އިރު ރާއްޖެގެ ހުންގާނުގެ ކައްޕިއަކަށް ހުންނެވީ އެ ބޭފުޅާއެވެ. ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހުނު ނަމަވެސް، ގައުމުގެ އިގްތިސާދު ފުނޑުފުނޑުވިޔަނުދީ އެމަނިކުފާނު ހިފެހެއްޓެވިއެވެ. ހިކްމަތްތެރިކަމާއިއެކު ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގައުމު އާރާސްތުވެ، ކުރިން އޮތް ހާލަތައް ރުޖޫއުވެގެންދިއުމެވެ. އެމަނިކުފާނަށް އެންމެ ބޮޑަށް އަމާޒުވެގެންދާ އެއް ފާޑުކިޔުމަކީ، ބްރިޖުގެ މަޝްރޫއު ނުނިމުމެވެ. ކޮންމެއަކަސް، ހުރިހާ ރައްޔިތުންވެސް ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ ފުރަތަމަ ފަހަރަށް ވެރިކަމެއްގައި، ސެންޓްރަލައިޒޭޝަންގެ ބަދަލުގައި، އެއްތަނަކަށް ތަރައްގީ ގެނައުމުގެ ބަދަލުގައި، ކުދި ބޮޑު އާބާދީއެއް ނުބަލައި، ރައީސް ސޯލިހުގެ ވެރިކަމުގައި ހުރިހާ ސަރަހައްދަކަށް ތަރައްގީ ގެންނަވައިފިކަމެވެ. މިއީ، ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނާން ހުންނާނެ ހަގީގަތެވެ. ކިތަންމެ ފާޑުކިޔުންތަކެއް އަމާޒުވިކަމުގައި ވީނަމަވެސް، ކޯލިޝަން ވެރިކަމެއް ދައުރު ނިމެންދެން، ހިޔާލުތަފާތުވުންތަކާއި އެކުވެސް ހިފެހެއްޓެވި ބޭފުޅަކީ އެމަނިކުފާނެވެ.

ތިންވަނައަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ، އޮނަރަބަލް ގާސިމް އިބްރާހިމަށް ބަލާލަމާތޯއެވެ. ކޮންމެ ރިޔާސީ އިންތިހާބެއްވެސް ކާމިޔާބު ކުރެއްވުމުގައި އެމަނިކުފާނުގެ އެހީތެރިކަން އެއިރެއްގައި ކޯލިޝަން ހައްދަވާ ކެންޑިޑޭޓަކަށް ލިބިވަޑައިގަންނަވައެވެ. ރައީސް ނަޝީދުގެ ވެރިކަމާއި، ރައީސް ޔާމީންގެ ވެރިކަމުގެ އިތުރަށް މިހާރު ހިނގަމުން މިދާ އެމްޑީޕީގެ ވެރިކަމަށް ބަލާލިކަމުގައިވިޔަސް، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިފައިވަނީ އެމަނިކުފާނުގެ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާއި އެކުގައެވެ. ނަމަވެސް، ރިޔާސީ އިންތިހާބުގައި އަދި އެމަނިކުފާނަށް ކާމިޔާބީއަކާއި ހިސާބަށް ވާސިލެއް ނުވެއެވެ. ބައެއް ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މިއީ ގާސިމް އިބްރާހީމް ސިޔާސީ ހަޔާތުގައި ކުރެއްވި މަސައްކަތަކަށް ބަލައި ވޯޓު ދިނުން ހައްގު ފަހަރެކެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއްކަމަކީ، ރައްޔިތުންގެ މަސްލަހަތަށްވުރެން ވިޔަފާރީގެ މަސްލަހަތު އިސްކުރައްވާކަމުގެ ވާހަކައެވެ. ނަމަވެސް، ގައުމުގެ ކަންކަން ހިނގާ ގޮތަށް ބަލާއިރު ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވާ ކަންކަން ސާފުކޮށް ފެނިވަޑައިންނަވާނެކަން ގިނަ ބޭފުޅުން އިއްތިފާގުވެއެވެ.

ކޮންމެއަކަސް، އިންތިހާބަށް މިވަނީ ކުޑަ ދުވަސްކޮޅަކަށް ވެފައެވެ. ވެރިކަމުގެ ދަހިވެތިކަމުގައި، ދީނާއި ގައުމު އައްޑަނައަކަށް ނަންގަވައިވެސް ވެރިކަމުގެ އާރާއި ބާރު ހޯދުމަށް ބައެއް ބޭފުޅުން ވަރަށް މަސައްކަތް ކުރާނެއެވެ، ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ވޯޓު ކަރުދާހުގައި ހެޔޮ ފާހަގަޖަހާއިރު ރަނގަޅަށް ވިސްނާށެވެ. ސިޔާސީ ބޭފުޅުން ދައްކާ އަވާމެންދުރުގައި ނުޖެހި ގައުމުގެ މުސްތަގުބަލަށް ވިސްނައި ގައުމުގެ ހުންގާނު ކުޅަދާނަ ކައްޕިއަކާއި ހަވާލުކުރާށެވެ.

Back to top button